ދިވެހިރާއްޖޭގެ ތާރީޚީ ފޮޓޯ
މުމްބަރު
މިތަނުގެ ނަމަކަށް ބެލް ލިޔުއްވާފައިވަނީ "މުމްބަރު" (Mumbaru)ކަމުގައެވެ. ބެލްގެ މޮނޮގްރާފްގެ 150 ވަނަ ޞަފްޙާގެ ފޫޓްނޯޓްގައި ލިޔުއްވާފައިވަނީ "މިނަމަކީ ޢަރަބި ބަހުގެ "މިމްބަރް" ކަމަށްވެދާނެއެވެ." އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ. ރަދީފުގައި އޮންނަގޮތުން މިމްބަރު ނުވަތަ މިންބަރަކީ މިސްކިތުގައި ޚުޠުބާކިޔާ މީހާ އަރައިހުންނަން ހަދައިފައި ހުންނަ އެތި ނުވަތަ ތަނެވެ. ދިވެހިބަސްފޮތުގައި ވަނީ "ބުންބަރު: މިސްކިތްދޮށުގައި ނުވަތަ މިސްކިތާ މީހުން އުޅޭ ހިސާބާ ދޭތެރޭ ހުންނަ މިންބަރު. މިއީ ހުކުރަށް ގޮވަން ހަދާފައި ހުންނަ ތަނެކެވެ."
ަ އުސް ފަސްގަނޑު
ލ.ގަމުގެ މުކުރިމަގު އަވަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ބައި މޭލެއްހާ ދެކުނަށް އިރުމަތީ ފަރާތު އަތިރިމަތީގައި ހުންނަ އުސް ފަސް ފުންޏަކީ ގަމަށް ޒިޔާރަތްކުރާ އެންމެން ވެސް ޝަޢުޤުވެރިކަމާއެކު ބަލާލުމަށް ދާ އެއްތަނެވެ. މިއީ ގަމު “ހަތްތެލި” އެވެ. ދިވެހިބަހުގެ ރަދީފުގައި އޮންނަ ގޮތުންނަމަ “ހައްތެލި” އެވެ. ހައްތެލީގެ މާނައަކީ “ހަވިއްތަ” ކަމަށް ރަދީފުގައި ބުނެފައިވެއެވެ. އަދި ރަދީފުގައި ވާގޮތުން ހަވިއްތަގެ މާނައަކީ: ބުދުދީނުގެ މީހުން އަޅުކަންކުރުމަށް ހަދާފައި ހުންނަ ބައެއްކަހަލަ ތަންތަން. ރަދީފުގައި ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް ލ.ގަމުގެ ދުވަސްވީ މީހުންގެތެރެއިން ގިނަމީހުންމިތަނަށް ކިޔަނީ “ހަތްތެލި” އެވެ. ހަތްތެލީގެ މިހާރުގެ އުސްމިނަކީ ގާތްގަނޑަކަށް 35 ފޫޓެވެ. ހަތްތެލީގެ އެންމެތިރީގެ ވަށަމިނަކީ ގާތްގަނޑަކަށް 315 ފޫޓެވެ. ހަތްތެލީގެ މައްޗަށް އަރަމުންދާ ވަރަކަށްހިމަވަމުންގޮސް މިހާރު އެންމެ މަތީގެ ވަށަމިނުގައި ހުންނާނީ ގާތްގަނޑަކަށް 30 ހަކަށް ފޫޓެވެ.
ބޮޑުފެންގަނޑު
ރާއްޖޭގައި މީހުންއުޅޭ ރަށްތަކުގެތެރެއިން ހައްދުންމަތީ ގަމަކީ، ވަރަށް ޤަދީމީ ތާރީޚެއް ލިބިފައިވާ ރަށެކެވެ. ބެލެވޭ ގޮތުގައި މިރަށަކީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެވޭލާ ޒަމާނުގެ ޤަދީމީ އާޘާރުތަކާއި ތަންތަން މިރަށުގައި މިއަދުވެސް ހުރިކަމީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ. އަދި މިތަންތަން ހުރުމުން ދޭހަކޮށްދެނީ، މިރަށަކީ އެޒަމާނުގެ ދީނީ، އިޤްތިޞާދީ، އަދި ޘަޤާފީ މުހިއްމު ހިއްޞާއެއް އަދާކުރަމުންދިޔަ ރަށެއްކަމެވެ. ހައްދުންމަތީ ގަމުގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުޤުވެރިކަން އެތަނަކަށް ހޯދާފައިވާ އެއް ތަނަކީ ގަމުގެ "ކުރުހިންނަ" ތެރޭގައި އޮންނަ ތަފާތު ނަންނަމުން މަޝްހޫރުވެފައިވާ ފެންގަނޑެވެ.މިފެންގަނޑަށް ކިޔޭ ތަފާތު ނަންތަކުގެތެރޭގައި، ބޮޑުފެންގަނޑު، ރަތްފެންގަނޑު، ނަރަކަ ފެންގަނޑު އަދި ޕަރީފެންގަނޑު ހިމެނެއެވެ. މީގެތެރެއިން މިހާރަށް އެންމެ މަޝްހޫރު ނަމަކީ "ޕަރީ ފެންގަނޑު" އެވެ. ބުނެވޭ ގޮތުގައި މިތަނަށް ޕަރީފެންގަނޑޭ ކިޔަނީ ރޭގަނޑަށް މިސަރަޙައްދުން "އަލިގުޅަ" ފަދަ ތަކެއްޗާއި ރޫޙާނީ އަންހެން ސޫރަތައް ފެންނާތީއެވެ. މިއަލިގުޅަތައް ތިރިކުރަނީ ފެންގަނޑަށް ކަމަށް ބުނެވެއެވެ. ރަތްފެންގަނޑަށް "ނަރަކަ" ފެންގަނޑޭ ކިޔެނީ ވަށައިގެން ހެދިފައިވާ ގަސްތަކުގެތެރެއިން ފެންގަނޑަށް ވެއްޓޭގަހާއި އެޅޭ ފަތުގެ ސަބަބުން
ފެންގަނޑު ރަތްވެފައި އޮންނާތީއެވެ.
ހަތްތެލި
ހަތްތެއްޔާއި ބެހޭގޮތުން ގަމުގެ މުސްކުޅިން ކިޔައިއުޅޭ ތަފާތު ވާހަކަތައްހުރެއެވެ. އޭގެތެރެއިން އެއްވާހަކައިގާ ބުނާގޮތުން ހަތްތެލި ބިނާކުރީ “ރެދިން”ނޭ ކިޔާ ބަޔެކެވެ. ހަތްތެއްޔަކީ “ރެދީން” އަރާމު ކޮށްލަން އެމީހުން ތައްޔާރުކޮށްފައި ހުރި ކިއްލާއެއް ކަމަށެވެ. އެ ރެދީން އައްލަންދޫ މާބަދިގޭގައި ކައްކައިގެން ކާން އަންނަނީ ގަމު ހައްތެއްޔަށްކަމުގައިވެއެވެ. (އައްލަންދުއަކީ އިހުޒަމާނުގެ ގަމުގެ އަވަށެއްކަމަށްމު ސްކުޅިން ބުނެއެވެ.) އެރެދީންނަށް ވީގޮތަކީ އެއްރެއަކު މިތަނުގައި ކައްކައިގެން މަޖާކުރަން އުޅެނިކޮށް ފަޖުރުލީއެވެ. އަލިވީއިރު އެމީހުންތިބީ ގާވެފައިކަމުގައިވެއެވެ. ރެދީން ގާވެފައި ތިބިތަންކަމަށް ބުނާ ބުންބެރުދޮށުގައި، އެކިވައްތަރުގެ ސިފަސިފައިގެ ހިރިގަލުގެ ބުދުތައް ވަރަށްގިނައިންވަރަށް ފަހަކާއި ޖެހެންދެން ހުއްޓެވެ.
މުލިޔާގެ
މިފަހަކަށް އައިސް ދެކެވޭ އަނެއް ވާހަކައަކީ މުލީއާގެ ވެސް މިހާރު އެ ހުރިތަން ނޫން އެހެން ތަނެއް ތަނަކަށް ބަދަލުކުރާ ވާހަކައެވެ. އަދި މުލިއާގެ ހުރިތަނުގައި 25 ބުރީގެ އިމާރާތެއް އަޅާ ވާހަކައެވެ. މުލީއާގެ އަކީ ގާތްގަނޑަކަށް 100 އަހަރުވެފައިވާ ވަރަށް މުހިންމު އާސާރީ ބިނާ އެކެވެ. ތާރީޚީ ގޮތުން ފާހަގަކޮސްލެވޭ ވަރަށް ގިނަ މުހިންމު ކަންކަން ހިނގާފައިވާ މާލޭގައި މިހާރުހުރި ހަމައެކަނި އިހުގެ ގަނޑުވަރެވެ. ސުވާލަކީމި އިމާރާތް ހަލާކުކޮށް ނުލައި އެހެން ތަނަކަށް ގެންދެވޭނެ ހެއްޔެވެ؟ އިމާރާތުގެ ބައިބައި ބްލޮކްތަކަށް ކަފައިގެން ގެންދާން އުޅޭ ވާހަކަވެސް އަޑު އިވެއެވެ. މި އިމާރާތް ހަލާކުވެއްޖެ ނަމަ އެކުރެވެނީ ކުށެއް ނޫން ހެއްޔެވެ؟ އެ ހަލާކުވެގެން ދަނީ މާލޭގެ ރައްޔިތުންގެ ތަރިކައެވެ. އަދި ދިވެހި ގައުމީ ތަރިކައެވެ.
No comments:
Post a Comment